އެމެރިކާ އާއި އީރާނުގެ ސީދާ ސުލްހައިގެ މަޝްވަރާތައް ޕާކިސްތާނުގައި ފަށައިފި

އެމެރިކާ އާއި އީރާނުގެ ސީދާ ސުލްހައިގެ މަޝްވަރާތައް ޕާކިސްތާނުގައި ފަށައިފި

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 11:57
0

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި، އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއަކާ ނުލައި ސީދާ ސުލްހައިގެ މަޝްވަރާތައް މިއަދު ފަށައިފިއެވެ.

މި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ނައިބު ރައީސް ޖޭޑީ ވެންސްއެވެ. އަދި އީރާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަޣްރު ޣާލިބާފްއެވެ. ވައިޓް ހައުސްއިން މިކަން ކަށަވަރުކޮށްދީފައިވާއިރު، މީގެ ކުރިން ދެފަރާތުން ބައްދަލުކުރީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ވަކިވަކިންނެވެ. ނަމަވެސް މިހާރު މިވަނީ ތިން ފަރާތް ހިމެނޭހެން އެއް މޭޒުދޮށުގައި ވާހަކަތައް ފަށާފައެވެ.

އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީން ބުނާގޮތުގައި ސީދާ މަޝްވަރާތައް ފެށުނީ އީރާނުން ހުށަހެޅި މުހިންމު ޝަރުތުތަކަކަށް އެމެރިކާއިން އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދޭ ހަމަލާތައް މަދުކުރުމާއި، އީރާނަށް ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު ދިނުމާއި، ލިބުނު ގެއްލުމުގެ ބަދަލުދިނުމުގެ އިތުރުން މެދުއިރުމަތިން އެމެރިކާ ސިފައިން ފޭބުން ހިމެނެއެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ފަރާތުން މިހާރު މަސައްކަތްކުރަމުން ދަނީ ހަމަލާތައް މެދުކަނޑާލުމުގެ ވަގުތީ އެއްބަސްވުން ފުޅާކޮށް ދެމެހެއްޓުމަށެވެ.

މިއީ 1979 ވަނަ އަހަރު އީރާނަށް އައި އިސްލާމީ އިންގިލާބަށްފަހު ދެ ގައުމުގެ ދެމެދުގައި ބާއްވާ އެންމެ މުހިންމު އެއް ސީދާ މަޝްވަރާއެވެ. މީގެ ކުރިން 2013 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އީރާނުގެ ކުރީގެ ރައީސް ހަސަން ރޫހާނީއާ ދެމެދު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ސީދާ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިފަހަރުގެ މަޝްވަރާތައް މި ކުރިއަށްދަނީ އީރާނަށް ހަރުކަށި އިންޒާރުތަކެއް ދެއްވާފައިވާ ވެންސް އާއި، އީރާނުގެ ބާރުގަދަ ރިވޮލިއުޝަނަރީ ގާޑުގެ ކުރީގެ ކޮމާންޑަރުކަން ކުރެއްވި ޣާލިބާފްއާ ދެމެދުކަން މުރާސިލުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.