އަމީނީމަގުގެ ތާރުގަނޑު އަނެއްކާވެސް ހަލާކުވެ، މަރާމާތުކުރަން ފަށަނީ

އަމީނީމަގުގެ ތާރުގަނޑު އަނެއްކާވެސް ހަލާކުވެ، މަރާމާތުކުރަން ފަށަނީ

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 10:44
0

މާލޭގެ އަމީނީމަގުގައި އަޅާފައިވާ ތާރުގަނޑު އަނެއްކާވެސް އުފުއްލި، މަގަށް ގެއްލުންތަކެއް ލިބުމާ ގުޅިގެން އެ ސަރަހައްދު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށަން ނިންމައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މައުލޫމާތު ދޭގޮތުގައި، މި މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި މިހާރު ވަނީ ހައުސިން މިނިސްޓްރީއާއެކު މަޝްވަރާކުރެވިފައެވެ. އަދި ހުރިހާ ކަމެއް ރާވާލެވި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކުރީގެ ހައުސިން މިނިސްޓްރީ ހިމެނޭ ސަރަހައްދުން ފެށިގެން ހުޅަނގަށް ބޮޑުތަކުރުފާނު މަގާ ހަމައަށް ތާރުއަޅައި ނިންމައި، އާންމުންނަށް ހުޅުވާލީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، މަގު ބޭނުންކުރަން ފެށިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސްޓޭޑިއަމް އަދި ފުޑްކޯޓު ސަރަހައްދު ފަދަ ތަންތަނުން ތާރުގަނޑު އުފުއްލި ބޮޑެތި ގެއްލުންތަކެއް ވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ އަހަރުވެސް އެ ސަރަހައްދުތަކުގައި މަރާމާތުތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބި، މިހާރު އަނެއްކާވެސް ވަނީ އެ މައްސަލަ ތަކުރާރުވެ މަގުގެ ބައެއް ސަރަހައްދުތައް ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.