އުދައެރުމަށް ދާއިމީ ހައްލެއް: މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މެއި މަހު ފަށަނީ

އުދައެރުމަށް ދާއިމީ ހައްލެއް: މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މެއި މަހު ފަށަނީ

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 10:47
0

މާލެއަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހު ފެށުމަށް ނިންމައިފިއެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ޖަޕާނުގެ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަނާއެވެ. މިކަމުގެ އެއްބަސްވުމުގައި މިދިޔަ ފެބްރުއަރީ މަހު ސޮއިކޮށްފައިވާއިރު، މި ކުންފުންޏަކީ އޭޝިޔާ ބައްރުގައި ޑިޒާސްޓަރ ރެސިލިއަންސާއި ކޮންސްޓްރަކްޝަން ސައިންސަށް ވަރަށް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މިހާރު މާލޭގައި ބޭނުންކުރާ ބޭރުތޮށްޓަކީ 1988 އިން 2002 އަށް ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ހަދާފައިވާ ތޮއްޓަކަށްވާއިރު، ގިނަ ދުވަސްވުމާއި ރާޅުގެ އަސަރުކުރުމުގެ ސަބަބުން ތޮށީގެ ބޮޑުހިލަތަކާއި ޓެޓްރަޕޮޑްތައް ކަހާލައި، ކޮންކްރީޓް ފާރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުގެ ތޮށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުމާއި، ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުގެ ތޮށިގަނޑު މިހާރު ހުރި ވަރަށްވުރެ 70 ސެންޓިމީޓަރު އުސްކޮށް ރީ-ޕްރޮފައިލް ކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް ރީ-ޕްރޮފައިލް ކުރުމުގެ އިތުރުން، މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕް ސްޓޭޝަނެއް މަރުކަޒީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއްވެސް މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވިގެންދާނެއެވެ.

އެ ވުޒާރާގެ ޕްރޮޖެކްޓް އިންޖިނިއަރ އަޙްމަދު އައިމަން ޝަރީފް ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކާ ގުޅިގެން އުދައެރުމުގެ ހާދިސާތައް އިތުރުވަމުންދާއިރު، މި މަޝްރޫޢަކީ ސުނާމީއާއި އުދައެރުން ފަދަ ކާރިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް މާލޭގެ އިރުމަތީ ފަރާތަކީ މޫސުން ބަދަލުވާ ދުވަސްވަރު އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރާ ސަރަޙައްދަކަށްވުމާއެކު، މި މަސައްކަތް ނިމުމުން އެ ސަރަޙައްދުގެ ވިޔަފާރިތަކަށާއި، އުޅަނދުފަހަރަށާއި އަދި އާންމުންނަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ. އަންނަ މެއި މަހު ފަށާ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.