ހޮޓެލް ބުކިންއެއް ހެއްދުމަށްފަހު ފޭކު ޕޭމަންޓް ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ ނ. ވެލިދޫ، އިހާޒް، އުމުރުން 25 އަހަރުގެ މުޙައްމަދު އަނޫފް އެވެ. މާލޭގައި ދިރިއުޅެމުންދާ މި ޒުވާނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި، އޭނާ ވަނީ ހޮޓަލަކުން ބުކިން ހެއްދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްޙަ ނޫން ސްލިޕެއް ފޮނުވައިފައެވެ. އަދި އޭގެ ފަހުން އެ ބުކިން ކެންސަލްކޮށް، ނަގުދު ފައިސާއިން ރިފަންޑު ދިނުމަށް އެދިފައިވެއެވެ. މި ފައިސާއާ ހަވާލުވުމަށް ހޮޓަލުގެ އޮފީހަށް ގޮސްފައިވަނީވެސް އޭނާއެވެ. ނަމަވެސް ކޯޓުގައި އޭނާ ބުނެފައިވަނީ އެތަނަށް ދިޔައީ ރައްޓެއްސަކު ބުނެގެން ކަމަށެވެ.
ފުލުހުންގެ ފަރާތުން މި މައްސަލައިގެ ހެކީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި، ފުލުހުންގެ ހާދިސާ ރިޕޯޓުގެ އިތުރުން ވަޓްސްއެޕް މެސެޖްތަކުގެ ސްކްރީންޝޮޓްތައް ވަނީ ހުށަހަޅާފައެވެ. ތަޙުޤީޤީ އޮފިސަރު ފާހަގަކުރި ގޮތުގައި މީގެ ކުރިންވެސް އޭނާ ވަނީ މިފަދަ އަމަލެއް ހިންގުމަށްފަހު ރިފަންޑު ހޯދަން އޭނާގެ އަމިއްލަ އެކައުންޓު ނަންބަރު ދީފައެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ، ޤާޟީ އިބްރާހީމް ޛިހުނީ އަމުރުކުރެއްވީ އޭނާ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ.
މުޙައްމަދު އަނޫފަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ ފަރާތެކެވެ. އެގޮތުން 2021 ވަނަ އަހަރު ވައްކަމުގެ ދައުވާއެއް އޭނާގެ މައްޗަށް އުފުލި، 2022 ވަނަ އަހަރު އެ ކުށް ސާބިތުވުމާ ގުޅިގެން އޭނާ ވަނީ 50,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ކޮމެންޓު ފޮނުވާ