ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މަރުގެ އަދަބު ދެވޭ ކުށެއް ސާބިތުކުރުމަށް ދެ ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފް އޮތުން ލާޒިމު ނޫންކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ހެއްކާބެހޭ ގާނޫނުގެ 140 ވަނަ މާއްދާގެ (ނ) ގައި ބުނާގޮތުން، ޒިނޭ ފިޔަވައި ހައްދު ކަނޑައެޅޭ ކުށްތަކާއި ގިސާސް (މަރުގެ އަދަބު) ގެ މައްސަލަތައް ސާބިތުކުރެވޭނީ ދެ ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންނެވެ. މި މާއްދާގެ ބަހުސް ފެންމަތިވީ 2012 ވަނަ އަހަރު ކ. ކާށިދޫގައި ފުލުހަކަށް ހަމަލާދީ މަރާލި މައްސަލައިގައި ކުށް ސާބިތުވި މުހައްމަދު ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވި މައްސަލައިގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ދެ ފިރިހެނުންގެ ހެކިބަސް ނުވަތަ އިއުތިރާފެއް ލިބިފައެއް ނެތެވެ.
މި މައްސަލައިގައި ދައުލަތުން ކޯޓުގައި ފާހަގަކޮށްފައިވަނީ އެ މާއްދާއަކީ އިސްލާމީ ޝަރީއަތާ ހިލާފު މާއްދާއެއް ކަމަށެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ، ދެ ފިރިހެނުންގެ ހެކިބަސް ނެތި މަރުގެ އަދަބު ނުދެވޭނެ ކަމަށް މާނަކުރުމަކީ ގާނޫނުގެ މަގުސަދު ކަމަށް ނުބެލެވޭނެ ކަމަށެވެ. އެގޮތުން، އިސްލާމީ ޝަރީއަތުގައި މަރުގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަވާނެކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވުމާއި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާނަމަ އަދަބު ދެވޭނެކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ދަށުން އިސްލާމްދީނުގެ އަސްލަކާ ހިލާފު ގާނޫނެއް ނެހެދޭނެކަން ބަޔާންކޮށްފައި އޮންނައިރު، އިސްލާމީ ޝަރީއަތުގެ އުސޫލުތައް ދޫކޮށްލުމަކީ ގާނޫނުގެ ރޫހު ކަމަށް ބަލައިގެން ނުވާނެ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ގިސާސްގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ސާބިތުކުރުމުގައި ޝަރުއީ ހަމަތައް ހިފެހެއްޓުމަށް ހެއްކާބެހޭ ގާނޫނުގެ އެ މާއްދާއިން ހުރަހެއް ކުރިމަތިނުކުރާނެ ކަމަށް ނިންމައި، ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާތީ ކޯޓުން ވަނީ އޭނާ މެރުމަށް ހުކުމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ