ސްރީ ލަންކާގައި ގެރި ކަތިލުން މަނާކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައެވެ. މިއީ ލަންކާގައި ނުފޫޒް ގަދަ ބުޑިސްޓުންގެ ހިތް ރުއްސުމަށް ނިންމި ނިންމުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. ސްރީލަންކާގައި ގެރި ކަތިލުން މަނާކުރުމަށް ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕަށް 8 ސެޕްޓެމްބަރުގައި ހުށަހެޅުއްވީ އެޤައުމުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އެވެ.
ގެރިކަތިލުން މަނާކުރުމާއެކު އެ ގައުމަށް ގެރިމަސް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ބުޑިސްޓުންނާއި ހިންދޫން ގެރި މަސް ނުކަނީ ދީނީ ސަބަބަކަށްޓަކައެވެ. ލަންކާގައި ގެރި މަސް ގިނައިން މިހާރު ބޭނުން ކުރަނީ އެ ޤައުމުގެ %10 ހިއްސާ ކުރާ މުސްލިމް އާބާދީއެވެ. ލަންކާގެ އާބާދީގެ %70އަކީ ބުޑިސްޓުންނެވެ. އަދި %12.5 އަކީ ހިންދޫންނެވެ.
ހިންދޫ ނޭޝަނަލިސްޓް ސަރުކާރު ވެރިކަމަށް އައުމަށްފަހު އަވަށްޓެރި އިންޑިއާގެ ބައެއް ސްޓޭތްތަކުގައި ވެސް ވަނީ ގެރި ކަތިލުންމަނާ ކޮށްފައެވެ.