މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޝްވާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން ކަށަވަރުކޮށްދިން ގޮތުގައި ހ. ހަބަރުގެ، ޑީސީޕީ (ރިޓަޔާޑް) ރިޝްވާން ވަނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަމުގެ މަގާމުން ވެސް މިއަދު އިސްތިއުފާ ދެއްވާފަ އެވެ. ޕީސީބީން ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށް، ދެ މަގާމުން ވެސް ރަސްމީކޮށް ވަކިކޮށްފަ އެވެ.
ރިޝްވާން މި ފިޔަވަޅު އަޅުއްވާފައިވަނީ، އޭނާ އެމްޕީއެލްގެ ބައެއް މުވައްޒިފުންނާ ޒުވާބު ކުރައްވާ އަޑު އިވޭ އޯޑިއޯއެއް އާންމުވި ފަހުންނެވެ. އެ ހާދިސާއާ ގުޅިގެން ސަރުކާރުން އޭނާއަށް އިސްތިއުފާ ދިނުމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ރިޝްވާނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 12 ޖުލައި 2011 ގައި ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ ގޮތުގައި ވެސް ޚިދުމަތް ކުރައްވާފަ އެވެ. ރިޝްވާންގެ އިސްތިއުފާ މި އައީ ސަރުކާރުގެ ބޮޑެތި މަގާމުތަކަށް ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓު ފޮނުވާ