އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ޖަލްސާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ބޮއިކޮޓް ކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި މި ޖަލްސާގައި ރައީސް ނަޝީދަށް ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދީފައިނުވާތީ، ޕާޓީގެ އެތެރޭގެ ނުތަނަވަސްކަން ވަނީ ބޮޑުވެގެން ގޮސްފައެވެ. ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވަނީ ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަ ދެއްކެވުުގެ ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ. ނަމަވެސް އެ ފުރުސަތު ދެވިފައެއް ނުވެއެވެ.
ޖަލްސާ ފެށިގެން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއާ ދެމެދު ރައީސް ނަޝީދަށް ޚާއްޞަ ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް ޖަލްސާ ކުރިއަށްދަނިކޮށް، ފަހުން އެ ގޮނޑި ވަނީ ނަގާލެވިފައެވެ.
މި ހާދިސާތަކާ ގުޅިގެން ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރާ މިރެއަކީ އުފާވެރި ރެއެއް ނަމަވެސް، ކަންތައްތައް ހިނގި ގޮތުން ތިމަންމަނިކުފާނަށް މިއީ ނުހަނު ހިތްދަތި ރެއެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ