ދަނޑުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ އާއެކު، ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް މިއަދު މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ހުސެއިން ދީދީ ވަނީ އެގްރޯ ނެޝެނަލްގެ އެމްޑީ ކަމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުންވެސް ވަކިކޮށްފައެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރަން ޖެހުނު ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.
ހުސެއިން ދީދީގެ އިތުރުން، މިއަދު ވަނީ ސަރުކާރުގެ އިތުރު އިސް މަގާމުތަކަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
މީގެ އިތުރުން ޚާރިޖީ ދާއިރާގެ އިސް ދެ މަގާމެއްގައި ތިއްބެވި ބޭފުޅަކުވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ކޮމެންޓު ފޮނުވާ