މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ކުރިން ހުރި އަގަށް ބަދަލުކޮށްފި

މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ކުރިން ހުރި އަގަށް ބަދަލުކޮށްފި

Author
ހުސައިން
06 އޭޕްރިލް 2026 07:45
0

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު މިއަދު ބޮޑުކުރުމަށްފަހު، އާންމުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އަނެއްކާވެސް ކުރިން ހުރި އަގަށް ހެޔޮކޮށްފިއެވެ.

މިއަދު މެންދުރެއްހާއިރު މިފްކޯއިން ވަނީ މަސްދަޅު އުފެއްދުމުގެ ހަރަދު ބޮޑުވެފައިވާކަމަށް ބުނެ، 17.50 ރުފިޔާއަށް ވިއްކަމުންދިޔަ ތެޔޮ މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ކޭހެއްގެ އަގު ވަނީ 800 ރުފިޔާއަށް އުފުލާފައެވެ. މިއާއެކު އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅުކުރަން ފެށިއެވެ.

ނަމަވެސް، މިއަދު އިރުއޮއްސުނު ފަހުން މިފްކޯގެ ޕީއާރު މެނޭޖަރު ޝިފްޒާ މުސްތަފާ ވިދާޅުވީ، ރައްޔިތުންގެ ހިޔާލާއި ދިރިއުޅުމުގެ ހަރަދުތަކަށް ބެލުމަށްފަހު، އަގަށް ގެނައި ބަދަލު އުވާލައި ކުރިންވެސް ވިއްކަމުންދިޔަ އަގުގައި މަސްދަޅު ވިއްކަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ ފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް 17.50 ރުފިޔާއަށް މަސްދަޅެއް އަދި 760 ރުފިޔާއަށް ކޭހެއް ލިބެން ހުންނާނެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އައިސްފައިވާ ލޮޅުންތަކާއެކު، ސަރުކާރުގެ ކުންފުނިތަކުން މިހާރު އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އިންތިހާބުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އިންތިހާބު ނިމިގެން ހަރަދު ކުޑަ ކުރުމަށްޓަކައި ސިއްރުން ރާވާފައި އޮތް ފިޔަވަޅެއް ނުހުންނާނެ ކަމަށާއި، ނަމަވެސް ހާލަތާ އެއްގޮތަށް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.