ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖް މާލޭ ކޮމާޝަލް ބަނދަރުން ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މި މައްސަލަ ކަސްޓަމްސްއިން މިހާރު ތަހުގީގުކުރަމުން އަންނައިރު، ގާނޫނު އޮންނަ ގޮތުން ވޭޕްކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓަކަށް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެއެވެ.
މި އުސޫލުގެ ދަށުން، މިހާތަނަށް އެންމެ ބޮޑު ޖޫރިމަނާއެއް ކޮށްފައިވަނީ ވޭޕްގެ ބޮޑު ޝިޕްމަންޓެއް ގެނައި "ސެރެނިޓީ ބްލޫ" ކުންފުންޏަށެވެ. އެ ކުންފުނި 108 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ދެވަނައަށް އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި 7،210 ވޭޕް އެތެރެކުރި މީހަކު ވަނީ 72.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި މައްސަލަތަކާ ގުޅިގެން މިހާތަނަށް ކުރި ޖޫރިމަނާގެ ޖުމްލަ އަދަދު ވަނީ 659،010،000 ރުފިޔާއަށް އަރާފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެކަނިވެސް 169 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި އޭގެ ވިޔަފާރިކުރުން މުޅިން މަނާކޮށްފައިވާއިރު، ދުންފަތުގެ ބާވަތްތައް ގަނެ ވިއްކޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ