ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ގެނެސްދިނުމުގެ ގޮތުން، ސަރުކާރުން އެރަށުގައި ތަރައްޤީކުރާ 250 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، 2022 ވަނަ އަހަރު ތިނަދޫގައި އިމާރާތްކުރަން ފެށި ތިން ކޮޓަރީގެ 200 ރޯހައުސްއަށް އެދި 1022 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. މިވަގުތު ކުރިއަށްދަނީ އެ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށާއި، އެ މަރުޙަލާ ނިމުނުހާ އަވަހަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެކަމުގެ ޔަގީންކަން އެ ވުޒާރާއިން ދެއްވައެވެ. ހަމައެހެންމެ، އެ ރޯހައުސްތަކުގެ އަމަލީ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.
މި ރޯހައުސްތަކުގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްޤީކުރާ އިތުރު 50 ހައުސިންގ ޔުނިޓެއްގެ އަމަލީ މަސައްކަތް ވެސް މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހު ވަނީ ފަށާފައެވެ. މިއީވެސް ތިން ކޮޓަރީގެ ޖާގަ ތަނަވަސް ޔުނިޓުތަކެކެވެ. މި ހުރިހާ މަޝްރޫޢުތަކެއް އެއްކޮށް ނިމުމުން ތިނަދޫގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ގެދޮރުވެރިކަމުގެ މައްސަލައަށް އިންތިހާއަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފަށައިގެން ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ތަރައްޤީގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުވެރިކަން ކަމުގައި ކަނޑައަޅުއްވާފައެވެ. އަދި އާބާދީ އާއި ބިމުގެ ގޮތުންވެސް ހުވަދު އަތޮޅުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ތިނަދޫ ސިޓީ ހިމެނޭހެން، މުޅި އެ އަތޮޅަކީ ދައުލަތުގެ ޕްލޭންގެ ދަށުން އެންމެ ގިނަ އަދަދަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާނެ އެއް ސަރަޙައްދުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ