ތިލަފުށީގައި ބިދޭސީއަކު މަރުވި ހާދިސާ: އެކްސްކަވޭޓަރު ޑްރައިވަރު އިނީ ފޯނު ބޭނުންކުރަން

ތިލަފުށީގައި ބިދޭސީއަކު މަރުވި ހާދިސާ: އެކްސްކަވޭޓަރު ޑްރައިވަރު އިނީ ފޯނު ބޭނުންކުރަން

Author
ހުސައިން
05 އޭޕްރިލް 2026 09:51
0

ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ބަނގްލަދޭޝް މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކްސްކަވޭޓަރު ޑްރައިވަރު، ހާދިސާ ހިނގި ވަގުތު އިނީ ފޯނު ބޭނުންކުރަންކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ތިލަފުށީގެ ކުނިގޮނޑު ސަރަހައްދުގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ އަމީން މިއާ އެވެ. އޭނާ މަރުވީ އެކްސްކަވޭޓަރަކުން ކުނި ނަގަމުން ދަނިކޮށް އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެންނެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ އޭގެ ދެ ދުވަސް ފަހުންނެވެ.

މި މައްސަލައާ ގުޅިގެން ފެބްރުއަރީ މަހުގެ ކުރީކޮޅު ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އޭނާގެ ބަންދުގެ މުއްދަތު މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިދީފައެވެ.

ކޯޓުން ނެރުނު ބަންދު އަމުރުގައި ފުލުހުންގެ ތަހުގީގީ ރިޕޯޓާ ހަވާލާދީ ބުނެފައިވަނީ، އެކްސްކަވޭޓަރު ދުއްވަން އިން އިރު ހެޝަން ފޯނެއް ބޭނުންކުރަމުން ދިޔަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި، ބިދޭސީ މީހާގެ މަރުގައި އޭނާގެ އިހުމާލު އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ނަމަވެސް ދިފާއުން ކޯޓުގައި ބުނެފައިވަނީ އޭނާ އަމަލުކުރީ މަސައްކަތުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ފަރުވާކުޑަކޮށްފައި ނުވާނެ ކަމަށެވެ. އަދި އެހެން ބަޔަކު އުސޫލާ ހިލާފުވުމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ހެޝަން އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއެކެވެ. އަދި މި ހާދިސާއަށްފަހު އޭނާ ވަނީ ރާއްޖެއިން ފިލައިގެން ދާންވެސް މަސައްކަތްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.