ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ބޮޑެތި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން (އީސީ) މަޢުލޫމާތު ދޭގޮތުގައި، ހެނދުނު 9:19 އާ ހަމައަށް ޖުމްލަ 588 ވޯޓު ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފެށިފައެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު 299,876 މީހުންނަށް ލިބިފައިވާއިރު، ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޕީއެންސީގެ 1,322 ކެންޑިޑޭޓުންނެވެ. ދެން ތިބީ އިދިކޮޅު އެމްޑީޕީގެ 905 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ 645 ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް 1,356 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވޯޓު ފޮށިތައް ވަކިކުރުމަށްޓަކައި އީސީން ވަނީ ތަފާތު ކުލަތަކުގެ ލޭބަލް ބޭނުންކޮށްފައެވެ. އެގޮތުން ފެންނަ ނުފެންނަ ވޯޓަށް ހުދު، ލޯކަލް ކައުންސިލަށް ނޫ، އަދި އަންހެނުންގެ ކޮމިޓީއަށް ފެހި ކުލަ ކަނޑައަޅާފައިވާއިރު، ވޯޓުލާ މީހުންނަށް މި ތިން އިންތިޚާބުގެ ތެރެއިން ބޭނުން އިންތިޚާބެއްގައި ވޯޓުލުމުގެ އިޚުތިޔާރު އޮންނާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ