ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް، މާލޭގެ ރައްޔިތުންނަށް އުފާވެރި އަދި ތަނަވަސް މުސްތަގުބަލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މޭޔަރު ކަމަށް ނުކުންނެވީ މާލޭގެ ތަރައްގީގެ ޕްލޭންތައް ތަންފީޒުކުރުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށެވެ. ސަރުކާރުން ކުރިއަށްގެންދާ ބޮޑު މާސްޓާ ޕްލޭންގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ތަރައްގީވަމުން އަންނައިރު، މުޅި ސަރަހައްދުގެ ޖިއޮގްރަފީއަށް ބޮޑު ބަދަލެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާއަށް އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ޖަލީލް ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިޓީ ކައުންސިލާއި މޭޔަރަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފަހިކޮށްދިނުމުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. އެހެންކަމުން، އަމިއްލަ ޖަޒުބާތަށްވުރެ ރައްޔިތުންގެ ތަކުލީފުތަކަށް އިސްކަންދޭ އޯގާތެރި ބަޔަކަށް ކައުންސިލް ވާންޖެހޭނެކަމަށް ވިދާޅުވަމުން، ގެދޮރުގެ ދަތިކަމުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް ސަރުކާރާ ގުޅިގެން އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޖަލީލް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ