ހދ. ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގޮތުން، އެ ސިޓީގައި ތަރައްގީކުރާ 2،000 ހައުސިންގ ޔުނިޓުގެ ބިންގާ މިރޭ އަޅައިފިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ބިންގާ އަޅައިދެއްވީ މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމެވެ. މީގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާވޫދާއި، ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުޙައްމަދުގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ ޓީމްވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަޙްމަދު އުރަފާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އިންޑިއާގެ ޓީމް ވަން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކެއްގައި 1،856 ފްލެޓު ތަރައްގީކުރާނެއެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ބައެއް ގޯތިތަކުގައި އަމިއްލަ ގެދޮރު އިމާރާތްކޮށްދިނުންވެސް މި މަޝްރޫއުގައި ހިމެނޭއިރު، މުޅިންވެސް ތަރައްގީކުރާނީ ޖާގައިގެ ގޮތުން ތަނަވަސް، ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.
ކުޅުދުއްފުށީގައި 2،000 ހައުސިންގ ޔުނިޓު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ހައުސިންގ މިނިސްޓްރީން މި މަސައްކަތް އެޗްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެޗްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ އެންމެ ބޮޑު އަމާޒަކީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމައި، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ހޯދައިދިނުން ކަމަށެވެ.
ކޮމެންޓު ފޮނުވާ