އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ މުދަލުގެ ކޯޓާ ރެކޯޑު މިންވަރަކަށް އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ މުދަލުގެ ކޯޓާ ރެކޯޑު މިންވަރަކަށް އިތުރުކޮށްދީފި

Author
ޙަސަން މުޙައްމަދު
01 އޭޕްރިލް 2026 07:37
0

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރެކޯޑު އަދަދަކަށް ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، ދެ ގައުމުގެ ދެމެދުގައި 1981 ވަނަ އަހަރު ގާއިމުކުރެވުނު ޚާއްސަ އެއްބަސްވުމުގެ ދަށުން މިއަހަރު ދީފައިވަނީ މިހާތަނަށް ދިން އެންމެ މަތީ ކޯޓާއެވެ. އެގޮތުން ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޯދަން ފުށް، ހަކުރު، މުގު، އަދި އިމާރާތްކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ހިމެނޭހެން ގިނަ ބާވަތްތަކެއް އެކްސްޕޯޓްކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެ ތެރެއިން ޚާއްސަކޮށް ހަނޑުލުގެ ކޯޓާ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 77 އިންސައްތަ އިތުރުކޮށްދީފައެވެ.

މި މުއްދަތުގެ ތެރޭގައި މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިންޑިއާއިން އެއްވެސް ހުރަހެއް ނުވަތަ މަނާކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ. މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތަރައްގީއާއި އިންސާނީ ވަސީލަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދޭ، އަދި ބޮޑެތި އުމްރާނީ މަޝްރޫއުތައް ހިންގުމުގައި އެހީތެރިވާ ގައުމަށް ވާއިރު، ދާދި ފަހުން ވަނީ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް ދެއްކުން ވެސް ފަސްކޮށްދީފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ މާކެޓަށް އައިސްފައިވާ ބަދަލުތަކާ އެކު، ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި ވެސް ސަރުކާރުން ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅިގެން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރުމަށް ލަފާދެމުން އަންނަ މި ދަނޑިވަޅުގައި، އިންޑިއާގެ މި އެހީތެރިކަމަކީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.