ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހުޅުވާލި "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
"އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގެ މުއްދަތު ކުރިން ހަމަވާން އޮތީ އެޕްރީލް މަހުގެ ދެވަނަ ދުވަހަށެވެ. ނަމަވެސް ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން މި މުއްދަތު އިތުރުކުރިއިރު، މިނިސްޓްރީން ވަނީ މިއީ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތުކަން ފާހަގަކޮށް، މީގެ ފަހުން އިތުރު ފުރުސަތެއް ނުދޭނެކަމަށް އަންގާފައެވެ.
މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށެވެ.
މި ފުރުސަތުގެ ދަށުން ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އޭގެ ތެރޭގައި، ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުމާއެކު، އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ މީހަކަށް ނުވުމާއި ރާއްޖޭގައި މިވަގުތު ހުރުން ހިމެނެއެވެ. އަދި މީގެ ކުރިން ލީގަލައިޒްވެފައިވާ މީހަކަށް ނުވުމާއި، ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވުމުގެ އިތުރުން، ޑިސެމްބަރު 31، 2025 ގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވުން ފަދަ ޝަރުތުތައް ވެސް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ބިދޭސީމީހާ ލީގަލައިޒްކުރަން އެދޭ ފަރާތަކީ އެމީހަކަށް އެންމެ ފަހުން ވޯކް ޕާމިޓް ދޫކުރި ވަޒީފާދޭ ފަރާތް ކަމުގައި ވެސް ވެގެން ނުވާނެއެވެ.
ކޮމެންޓު ފޮނުވާ