ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްދިނުމަށްޓަކައި، ސްޓޭޓްފާމާއިން ޚާއްޞަ ހޮޓްލައިނެއްގެ ގޮތުގައި '1505′ އަދި އޮންލައިން ޕޯޓަލްއެއް މިއަދު ތަޢާރަފްކޮށްފިއެވެ.
މި އައު ޚިދުމަތްތަކާއެކު، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހަފްތާގެ ހަތް ދުވަހު، 24 ގަޑިއިރު ބޭހާއި ޒަރޫރީ ސިއްޙީ ސާމާނަށް އޯޑަރު ކުރެވޭނެއެވެ. ސްޓޭޓްފާމާއިން މަޢުލޫމާތު ދޭގޮތުގައި، އީފާސް މެދުވެރިކޮށް ސްޓޭޓް ފާމާ ޕޯޓަލް (portal.statepharma.mv) އަށް ވަދެވޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމުގެ އިތުރުން، އޯޑަރުގެ ސްޓޭޓަސްއާއި ޑެލިވަރީ ކުރިއަށްދާގޮތް ވަގުތުން ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިކަމާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ ތާކު، ކޮންމެ ވަގުތަކު ހުރެގެންވެސް ރައްޔިތުންނަށް ދަތިކަމެއް ނެތި ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. އަދި މި ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންގެ ބޭނުންތައް ދެނެގަނެވި، މުޅި ރާއްޖެއަށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޭހާއި މެޑިކަލް އާލާތްތައް ލިބުމުގައި އާންމުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމުގެ މަތިވެރި މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ސްޓޭޓްފާމާ އުފައްދަވާފައިވަނީ 2025 ވަނަ އަހަރުއެވެ. އެ ކުންފުނިން ވަނީ، މުހިންމު ބޭހާއި ސިއްޙީ ސާމާނު ބޭނުންވާ ކޮންމެ ހިނދެއްގައިވެސް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ