އެމްޑަބްލިޔުއެސްސީއަށް 31 އަހަރު: ޚިދުމަތް ފުޅާކޮށް، ގިނަ ކާމިޔާބީތަކަކާއެކު ކުރިއަށް

އެމްޑަބްލިޔުއެސްސީއަށް 31 އަހަރު: ޚިދުމަތް ފުޅާކޮށް، ގިނަ ކާމިޔާބީތަކަކާއެކު ކުރިއަށް

Author
ހުސައިން
01 އޭޕްރިލް 2026 12:34
0

ރާއްޖޭގެ އެންމެ ބޮޑު އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް މިއަދު 31 އަހަރު ފުރިއްޖެއެވެ.

އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް 1 އެޕްރީލް 1995 ގައި އެ ކުންފުނި އުފެދިގެން އައީ އެންމެ 60 މުވައްޒަފުންނާއެކު 60،000 މީހުންނަށް ޚިދުމަތް ދިނުމަށެވެ. ނަމަވެސް މިއަދު އެ ކުންފުނިން އަންނަނީ 1000 އަށްވުރެ ގިނަ މުވައްޒަފުންނާއެކު 2 ލައްކައަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިގޮތުން މާލެ ސަރަހައްދުގެ (މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި) އިތުރުން ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި އެ ކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން ރ. ދުވާފަރުގައި ކަރަންޓާއި، ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް އެ ކުންފުނިން ފޯރުކޮށްދެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެމްޑަބްލިޔުއެސްސީން ވަނީ އުމްރާނީ ގޮތުންނާއި ޚިދުމަތުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި އާރްއޯ ޕްލާންޓްތައް ބަހައްޓައި، މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު 49،900 ޓަނަށް ވަނީ އިތުރުކޮށްފައެވެ. އަދި ހުޅުމާލޭގައި 10،000 ޓަނުގެ ތާނގީއެއް ބަހައްޓައި، މުޅި ސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު 50,445 ޓަނަށް އިތުރުކޮށްފައިވާއިރު، ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލައި، ގަޑިއަކު 60 ކިއުބިކް މީޓަރުގެ ފެން ކޮންމެ ކޮޅަކަށްވެސް ފޮނުވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުކޮށް، ދުވާފަރުގެ ކަރަންޓުގެ ކެޕޭސިޓީވެސް ވަނީ މަތިކޮށްފައެވެ.

ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން "ދިވެހިރާއްޖެ 2.0″ ގެ ދަށުން ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ 111 ޕްރޮޖެކްޓެއް އެ ކުންފުނިން ކާމިޔާބުކަމާއެކު ނިންމާފައިވާއިރު، 2026 ވަނަ އަހަރު އިތުރު 4 ރަށެއްގެ މަސައްކަތް ނިންމައި، އަދި އިތުރު 6 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ސަރުކާރާއެކު ދާދިފަހުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެމްޑަބްލިޔުއެސްސީއަކީ ހަމައެކަނި ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކުންފުންޏަކަށް ނުވާއިރު، އުފެއްދުންތެރިކަމުގެ ރޮނގުންވެސް އެ ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ފުޅީގައި ފެން ބަންދުކުރާ ކާރުޚާނާއެއް ހިންގަމުން އަންނައިރު، ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީ މެދުވެރިކޮށް ފެނާއި ނަރުދަމާ އަދި ކަރަންޓު ވަޔަރިންގއަށް ބޭނުންވާ އެކި ސައިޒުގެ ހޮޅި އަންނަނީ އުފައްދަމުންނެވެ. މިއީ ކުންފުނީގެ 31 އަހަރުގެ ދިގު ތާރީޚުގައި ރާއްޖޭގެ ތަރައްޤީއަށް ވެދެމުންދާ މުހިންމު ހިއްސާއެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.