ވޯޓުގެ ސިއްރުކަން ކަށަވަރުވާނެ، ވަކި ގޮތަކަށް ވޯޓުލާން އޮފިޝަލުން ނާންގާނެ: އީސީ

ވޯޓުގެ ސިއްރުކަން ކަށަވަރުވާނެ، ވަކި ގޮތަކަށް ވޯޓުލާން އޮފިޝަލުން ނާންގާނެ: އީސީ

Author
ޙަސަން މުޙައްމަދު
01 އޭޕްރިލް 2026 12:46
0

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުތަކާއި ހިޔާލު ހޯދުމުގެ ވޯޓުގައި ވަކި ގޮތަކަށް ނުވަތަ ވަކި މީހަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެއްވެސް އޮފިޝަލަކު ނާންގާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދީފިއެވެ.

ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އީސީން އަމަލުކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދީ އެ ކޮމިޝަނުން ބުނީ، އެއީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ވޯޓުލުމުގެ މަރުހަލާތައް ރާވާފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިންކަމަށާއި، ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ހަމަޖެހިފައިވާ އުސޫލުން ތިން ކަރުދާސް ދޫކުރާނެކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީގެ މަސައްކަތްތަކާމެދު ސުވާލު އުފެދޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ އެ ކޮމިޝަނުން ހިތާމަކުރާކަން ފާހަގަކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އީސީން ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ފަހިވާގޮތަށް ކަންކަން ކުރަމުންދާކަމަށް ތުހުމަތުކުރަމުންނެވެ. އެގޮތުން، ކައުންސިލް އިންތިހާބުގެ ކެންޑިޑެސީ ބަލައިގަތުމުގައި ސަރުކާރަށް ފަހިވާގޮތަށް އަމަލުކޮށް، އިދިކޮޅުގެ ބައެއް ކެންޑިޑޭޓުންގެ ފޯމުތައް ގަސްތުގައި ބަލައިގެންފައިނުވާކަމުގެ ތުހުމަތާއެކު، އިދިކޮޅުގެ ޝަކުވާތަކަށް އީސީން ހައްލު ހޯދައިނުދޭކަމަށް ބުނެ އެ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.