ދުވަސްކޮޅަކަށް ރާއްޖޭގެ ވައި ސާފުކޮށް އޮތުމަށްފަހު، އަނެއްކާވެސް ވައި ނުސާފުވާން ފަށައިފިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ވައިގެ ކޮލިޓީ ނުރައްކާތެރި މިންވަރަކަށް ދަށްވެފައި އޮތުމަށްފަހު، މިމަހުގެ 19 ވަނަ ދުވަހު ވަނީ ވައި ސާފުވެފައެވެ. ނަމަވެސް ވައިގެ ސާފުމިން ބަލާ 'އައިކިއު އެއާ' ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ މެދުމިންވަރެއް ކަމަށްވާ 83 ގައެވެ. އަދި އުތުރުގެ އަތޮޅުތަކުގައި 68 ގައި ހުރިއިރު ދެކުނުގައި މި މިންވަރު ހުރީ 60 ގައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިހާރު ވައި ކުޑަކޮށް ނުސާފުވި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އަލުން ސާފުވާނެއެވެ.
ވައި ނުސާފުވި ނަމަވެސް، އާންމުގޮތެއްގައި މުޅި ރާއްޖެއަށްވެސް މޫސުން ރަނގަޅުވާނެކަމަށް މެޓުން ލަފާކުރެއެވެ. ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، ކަނޑުތައް މަޑުވެފައި ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. މީގެ އިތުރުން މިއީ ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. ރާއްޖޭގެ ގިނަ ހިސާބުތަކަށް ހޫނުމިން އިހުސާސްކުރެވޭ މިންވަރު 35 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ވައި ނުސާފުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަބަދުވެސް އިލްތިމާސްކުރައްވައެވެ. ޚާއްސަކޮށް ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތައް އަދި އެލާޖީ ހުންނަ ފަރާތްތަކުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
ކޮމެންޓު ފޮނުވާ