އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އޭޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދޭ "އިންޓަނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން" (އައިކިއުއޭ) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން ކާމިޔާބުކަމާއެކު ދަމަހައްޓައިފިއެވެ.
އެ ޔުނިވަސިޓީން މި ކާމިޔާބީ ހޯދާފައިވަނީ 2023 ވަނަ އަހަރު ލިބުނު ބައިނަލްއަޤުވާމީ ދަރަޖައިގެ މެދުތެރެއިން ކުރިއަށްގެންދިޔަ "މިޑް-ސައިކަލް ރިވިއު" އިން ފާސްވެގެންނެވެ. މި ރިވިއުއިން ފާސްވުމާއެކު، ޔޫރަޕުގެ މަތީ ތަޢުލީމީ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބިނާކޮށް ދޭ މި އެކްރެޑިޓޭޝަންގެ މުއްދަތު މިހާރު ވަނީ 2028 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އިތުރުވެފައެވެ. ކިއުއޭއޭގެ ރިވިއު ޓީމުން ވަނީ، ފުރަތަމަ އެކްރެޑިޓޭޝަން ލިބުނު ފަހުން އެމްއެންޔޫއިން ތަޢުލީމީ ފެންވަރު މަތިކުރުމުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައެވެ.
މި ކާމިޔާބީއާ ގުޅިގެން ކިއުއޭއޭގެ ހެޑް އޮފް އިންޓަރނޭޝަނަލް ކޮލިޓީ އެޝުއަރެންސް އެންޑް އެންހާންސްމަންޓް، ޕިއަރސް ވޯލް ވިދާޅުވީ އެމްއެންޔޫގެ ބޭފުޅުންނާއެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމައެއާއެކު އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ކިޔަވައިދިނުމާއި އުނގެނުމުގެ އިތުރުން ދިރާސާކުރުމުގެ ފެންވަރު ހިފެހެއްޓުމަކީ އެ ޔުނިވަސިޓީން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. މިއީ މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޤައުމު ބިނާކުރުމަށް ބޭނުންވާ ހުނަރާއި ސިފަތައް ލިބިފައިވާ ފެންވަރު ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އިތުރު ބާރެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މި ޝަރަފުވެރި އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު، އެމްއެންޔޫއިން ދަސްވެނިވާ ކޮންމެ ދަރިވަރަކީވެސް އައު އީޖާދުތައް އުފެއްދުމާއި، އަޚްލާޤީ ޒިންމާދާރުކަމާއި، އިސްނެގުމުގެ ސިފަތައް ހުރި ބަޔަކަށް ހެދުމަށް އެ ޔުނިވަސިޓީން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ކާމިޔާބީއާއެކު ކިއުއޭއޭ ކޮމިއުނިޓީގެ ފުރިހަމަ ބައިނަލްއަޤުވާމީ މެންބަރުކަން އެމްއެންޔޫއަށް ލިބިފައިވާއިރު، މިކަމާ ގުޅޭ ތަފްޞީލީ ރިޕޯޓުތައް ކިއުއޭއޭ އަދި އެމްއެންޔޫގެ ވެބްސައިޓުން މިހާރު އާންމުކޮށް ފެންނަން ހުންނާނެއެވެ.
ކޮމެންޓު ފޮނުވާ