ބައުވެ ހަލާކުވެފައިވާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށާއި މަދުވެފައިވާ ސްޓޮކް އައުކުރުމަށް، "ރަންދިހަ ފަހެއް" ސީރީޒްގެ ދިހަ ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިއަދު ގެނެސްފިއެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި ނޫޓުތައް އަންނަ ބުދަ ދުވަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ނެރެ، އާންމުންނަށް ދޫކުރަން ފަށާނެއެވެ. ދިހަ ރުފިޔާ އަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވުމާއެކު، އާންމު ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ނޫޓެވެ. މީގެ ސަބަބުން އެ ނޫޓު ހަލާކުވާ މިންވަރު އަވަސްކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި ބޮޑެތި މުއާމަލާތްތަކުގައި މި ނޫޓު ބޭނުންނުކުރާތީ ބޭންކުތަކަށް ޖަމާކުރާ މިންވަރު މަދުވުމަކީވެސް އައު ސްޓޮކެއް ގެންނަން ޖެހުނު މައިގަނޑު ސަބަބެކެވެ.
އަލަށް ނެރޭ ދިހަ ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. 31 ޖުލައި 2025 ގެ ތާރީޚު ޖަހާފައިވާ މި ނޫޓުގެ އެންމެ ޚާއްސަ އެއް ސިފަޔަކީ ނޫޓުގެ ދެފުށުގައިވެސް ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ހިމަނާފައިވުމެވެ. އެގޮތުން ނޫޓުގެ ކުރިމަތީގެ ވާއަތް ފަރާތުން މަތީގައާއި، ފަހަތުގެ ކަނާއަތް ފަރާތުން މަތީގައި، މޫނުމަތީ އަގާއެކު މި ނިޝާން ފެންނަން ހުންނާނެއެވެ. އަލަށް މި ނޫޓުތައް ނެރުނު ކަމުގައިވިޔަސް، މިހާރު ބޭނުންކުރަމުންދާ ދިހަ ރުފިޔާގެ ނޫޓުވެސް އުވާނުލައި ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވެމުން ދާނެއެވެ.
މިއީ "ރަންދިހަ ފަހެއް" ސީރީޒް ތަޢާރަފުކުރި ފަހުން ދިހަ ރުފިޔާގެ ނޫޓު ޗާޕުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު ގަވަރުނަރު އަޒީމާ އާދަމްގެ ސޮޔާއެކު އަދި 2018 ވަނަ އަހަރު ގަވަރުނަރު އަޙްމަދު ނަސީރުގެ ސޮޔާއެކު ވެސް ވަނީ ދިހަ ރުފިޔާގެ އައު ސްޓޮކް ޗާޕުކޮށްފައެވެ. އެމްއެމްއޭއިން ބުނީ، އިޤްތިޞާދުގައި ފައިސާއަށް އޮންނަ ޑިމާންޑާ އެއްވަރަށް ފެންވަރު ރަނގަޅު އައު ނޫޓުތައް ދައުރުކުރުމަކީ އެ އޮތޯރިޓީން އަބަދުވެސް ކުރަމުން އަންނަ އާންމު މަސައްކަތެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ