ސްކޭމްކޮށްގެން ފައިސާ ހޯދި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ސްކޭމްކޮށްގެން ފައިސާ ހޯދި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

Author
އަހުމަދު
30 މާރޗް 2026 12:03
0

މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދި ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ، އުމުރުން 36 އަހަރުގެ އަޒުހީމް ސައީދާއި، ޏ. ފުވައްމުލައް، ދޫޑިގަން ގޯލްޑަންގޭޓް، އުމުރުން 31 އަހަރުގެ އަލީ ޝަފާޒުގެ އިތުރުން ސ. ހިތަދޫ، ކުޅިބަލާގެ، އުމުރުން 47 އަހަރުގެ މުހައްމަދު ޖުނައިދެވެ.

މީގެ ތެރެއިން އަޒުހީމް ހައްޔަރުކުރީ ސޯޝަލް މީޑިއާ އެކައުންޓެއް ހެކްކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައިގެން 3،500 ރުފިޔާ ހޯދި މައްސަލައެއްގައި މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ އަންނަ މަހުގެ 27 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ހަމަ މިފަދަ މައްސަލައެއްގައި، އެހެން މީހެއްގެ އެކައުންޓެއް ހެކްކޮށްގެން 4،500 ރުފިޔާ ހޯދި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ޝަފާޒު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ވަނީ އަންނަ މަހުގެ 12 އަށް މުއްދަތު ޖަހާފައެވެ.

ތިންވަނަ މީހާ ކަމަށްވާ ޖުނައިދު ހައްޔަރުކުރީ ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން 29،987 ރުފިޔާ ހޯދި މައްސަލައަކާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އަންނަނީ މި ތިން މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.