މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ތިލަފުށީގައި ގާއިމްކޮށްފައިވާ "އެމްޕްޓީ ކޮންޓެއިނަރު ޑީޕޯ" މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޮޑުކޮށްފިއެވެ.
އެމްޕީއެލްއިން ހާމަކުރާ ގޮތުގައި، ހުސް ކޮންޓެއިނަރުތައް ރައްކާކޮށް، ސާފުކޮށް އަދި މަރާމާތުކުރުމަށް ޚާއްސަކޮށްފައިވާ މި ޑީޕޯގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. މިވަގުތު އެތަނުގައި 1600 ޓީއީޔޫގެ ކޮންޓެއިނަރު ބެހެއްޓޭނެ ޖާގަ ހުރިއިރު، ބިން އެއްވަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން އެ އަދަދު 3000 ޓީއީޔޫއަށް އިތުރުވެގެންދާނެއެވެ. މިއާއެކު މާލެ އަދި ހުޅުމާލޭގެ ޓަރމިނަލްތަކުގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ބަނދަރުގެ ޖާގައަށް ދާއިމީ ހައްލެއް ލިބޭނީ މުޅި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މާލޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްގެން ކުރިއަށްދާއިރު، ކީ ވޯލްގެ ފުރަތަމަ ސާރވޭތައް ވަނީ ތާވަލަށްވުރެ ކުރިން ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ޖިއޯ ޓެކްނިކަލް ސާރވޭއާއި ލޭއައުޓް އެކުލަވާލުމުގެ މަސައްކަތެވެ.
ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. އެގޮތުން އެމްޕީއެލްއިން މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، 2027 ވަނަ އަހަރު ތިލަފުށިން ބަނދަރުގެ ޚިދުމަތްތައް ރަސްމީކޮށް ދޭން ފެށުމަށެވެ.
ކޮމެންޓު ފޮނުވާ