ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި

Author
ހުސައިން
26 މާރޗް 2026 10:37
0

ގދ. ހޯނޑެއްދޫ، ގއ. ނިލަންދޫ އަދި ނ. ލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ހޯނޑެއްދޫ މަޝްރޫއަށް 39 މިލިއަން ރުފިޔާ ހަރަދުވާއިރު، 300 ދުވަހުގެ ތެރޭގައި 30،000 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 831 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް އަދި 539 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓްގެ އިތުރުން 225 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. ހަމަ މި މުއްދަތުގައި 39 މިލިއަން ރުފިޔާއަށް ނިލަންދޫގައި ހިންގާ މަޝްރޫއުގައި 41،800 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 533 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް އަދި 145 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، 47 މިލިއަން ރުފިޔާ ހޭދަކޮށްގެން 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ލަންދޫގައި ހިންގާ މަޝްރޫއުގެ ދަށުން 24،800 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއެކު 320 މީޓަރުގެ ބޭރުތޮއްޓަކާއި 420 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީގައި އިސް ދައުރެއް އަދާކުރާ އެމްޓީސީސީން އަންނަނީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.