ސުކޫކު ރީފައިނޭންސްކޮށް ދެއްކުމަށްފަހު އިންޓްރެސްޓް ރޭޓާއި ތަފުސީލުތައް ހާމަކުރަނީ

ސުކޫކު ރީފައިނޭންސްކޮށް ދެއްކުމަށްފަހު އިންޓްރެސްޓް ރޭޓާއި ތަފުސީލުތައް ހާމަކުރަނީ

Author
ޙަސަން މުޙައްމަދު
25 މާރޗް 2026 05:53
0

އަންނަ މަހުގެ އަށެއްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސްކޮށްގެން ދެއްކުމަށްފަހު، އޭގެ އިންޓްރެސްޓް ރޭޓާއި އެހެނިހެން ތަފުސީލުތައް އާންމުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ތެރޭގައި ރާއްޖެއިން އެއް ބިލިއަން ޑޮލަރަށްވުރެ ގިނައިން ދަރަނި ދައްކަން ޖެހިފައިވާއިރު، އެއްފަހަރާ ދައްކަންޖެހޭ ބޮޑު ސުކޫކާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ އުފެދިފައެވެ. ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ ސުކޫކުގެ އެއްބައި ރީފައިނޭންސް ކުރުމަށްފަހު ބާކީ ބައި ސަރުކާރުން ދެއްކުން ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވިއެވެ. މި ބަދަލާއެކު ތަރައްގީގެ އެހެން މަޝްރޫއުތަކަށް ފައިސާ ހޯދުމަށް މަގުފަހިވެ، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ރޭޓިން އެޖެންސީތަކުން ރާއްޖެއާ މެދު ދެކޭގޮތް ރަނގަޅުވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ވަގުތު ސީދާ އަދަދުތަކާއި ތަފުސީލުތައް ހާމަނުކުރައްވަނީ މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަދަލު އަތުވެދާނެތީ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެހެންނަމަވެސް، ސުކޫކު ދައްކައި ނިމުމުން ފައިސާ ދެއްކި ގޮތާއި އިންޓްރެސްޓް ރޭޓުގެ މައުލޫމާތު އާންމުކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސުކޫކު ދެއްކުމަށް 650 މިލިއަން ޑޮލަރު ރައްކާކުރެވިފައިވާ ކަމަށާއި، ދަރަނި ދެއްކުމަށްފަހު ވެސް ދައުލަތުގައި ފައިސާ ހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރީފައިނޭންސް ކުރާ ބައިގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށްވުރެ މައްޗަށް ނުދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސުކޫކު ރީފައިނޭންސް ކުރުމަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ ދަރަންޏެއް ނަގަންޖެހޭއިރު، ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތުން އެ ފައިސާ ކުޑަ އިންޓްރެސްޓެއްގައި ހޯދޭނެކަމަށް ފިނޭންސް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ކުޑަވުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި އޮތް ނަމަވެސް، ސަރުކާރުން އަންނަނީ ދަރަނިތައް ގަވާއިދުން ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.