ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން އީރާނަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް ފޮނުވައިފި އެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް ޕާކިސްތާނު ނުވަތަ ތުރުކީގައި ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުން ފާޅުގައި ބުނަމުންދިޔަ ނަމަވެސް، ނަން ހާމަނުކުރާ އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑިޕްލޮމެޓިކް ހައްލަކަށް އީރާނުން އޮތީ ތައްޔާރަށެވެ. މަސް ދުވަހަށް ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ތުރުކީން ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިރު، ދެ ގައުމުގެ ދެމެދުގައި މެސެޖު ބަދަލުކުރުމުގައި ތުރުކީގެ އެހީތެރިކަން ލިބެމުންދާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިއީ މީގެ ކުރިން މީޑިއާތަކުގައި އަޑުފެތުރިފައިވާ 15 ނުކުތާގެ ހުށަހެޅުންކަން ނުވަތަ އާ ހުށަހެޅުމެއްކަން އަދި ޔަގީނެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ހުށަހެޅުމެއް އީރާނަށް ލިބުނު ކަމުގެ ހަބަރާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ، ހީނަރުވެފައި އޮތް ހިއްސާގެ ބާޒާރަށް ވަނީ އާރޯކަން އަންނަން ފަށައިފަ އެވެ. މިއީ އެތައް ބަޔެއްގެ ފުރާނަ ގެއްލިފައިވާ މި ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުއްމީދުގައި އިންވެސްޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
މި ހުށަހެޅުމުގެ މައުލޫމާތު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓަށް ވެސް މިހާރު ވަނީ ދީފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ހުށަހެޅުމުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާއި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނައްތާލުމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހަނިކުރުމުގެ އިތުރުން ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ މާލީ އެހީތެރިކަން ހުއްޓާލުން ހިމެނެ އެވެ.
މިފަދަ ހުށަހެޅުންތަކެއް ހުރި ނަމަވެސް، އީރާނުގެ ރަސްމީ އިދާރާތަކުން އަންނަނީ އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އީރާނުގެ އަސްކަރިއްޔާ އާއި ފޮރިން މިނިސްޓްރީގެ ތަރުޖަމާނުން ވަނީ އެމެރިކާގެ ޑިޕްލޮމެސީއަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، އީރާނުން އޮތީ ގައުމު ދިފާއުކުރަން ތައްޔާރަށް ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން އިޒްރޭލުގެ އޮފިޝަލުން ވެސް ވަނީ، އީރާނުން މި ޝަރުތުތަކަށް އެއްބަސްވާނެ ކަމާމެދު ޝައްކު އުފައްދައި، މަޝްވަރާތަކުގެ ތެރެއިން އެމެރިކާއިން އީރާނަށް ދޫދީފާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ