ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މި މަސައްކަތް ވަރަށް އަވަހަށް އަމަލީގޮތުން ފެށިގެންދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ 19 ރަށެއްގައި މި ޔުނިޓްތައް ގާއިމުކުރުމަށެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ދެވޭ އާންމު ހިދުމަތްތައް މެއިންޓެއިން ކުރުމަށްޓަކައި ކޮންމެ ފަހަރަކު މާލެއިން މީހުންނާއި މެޝިނަރީ ގެންދިއުމަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމެވެ.
މި ޔުނިޓްތައް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލި ހިމެނެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ރަށަކުންވެސް އިދާރީ އިމާރާތް ހެދުމަށާއި ބޮޑެތި އުޅަނދުތައް ބެހެއްޓުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް ބޭނުންވާ މެޝިނަރީ ހޯދުމަށް 9.1 މިލިއަން ޑޮލަރުގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮންމެ ޔުނިޓަކަށް 9 ބާވަތެއްގެ މެޝިނަރީ ހޯދުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި އެކްސްކަވޭޓަރާއި، ލޯޑަރާއި، ގްރޭޑަރުގެ އިތުރުން 15 އަދި 10 ޓަނުގެ ޑަމްޕްލޮރީ އާއި، ކޮމްޕެކްޓަރާއި، ކޮމްޕްރެސަރު ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ބަނދަރާއި މަގުތައް މަރާމާތުކުރުމަށް ހާއްސަ ސެޓަޕްތަކާއެކު 4 މޮބައިލް ޔުނިޓެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 516 މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ވަޒީރު ވިދާޅުވިގޮތުގައި، އޭގެ ތެރެއިން 141 މުވައްޒަފުން ވަޒީފާއަށް ނެގުމުގެ ހުއްދަ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ލިބިފައެވެ.
ކޮމެންޓު ފޮނުވާ