ދިވެހި ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝަކޫރު ޢަބްދުالله މިއަދު ނިޔާވެއްޖެއެވެ.
އުމުރުފުޅުން 75 އަހަރުގައި އޭނާ ނިޔާވެފައިވަނީ ކެންސަރު އާލާސްކަންފުޅަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:15 ހާއިރުއެވެ.
ޢަބްދުއްޝަކޫރު ނިޔާވިކަން ހާމަކުރައްވައި، ކުރިން ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އޭނާގެ ދަރިކަލުން އަޙްމަދު ޝުހާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައްޕައަށް ހެޔޮ ދުޢާކޮށްދިނުމަށް ޢާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ. މި ހިތާމަވެރި ދަނޑިވަޅާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
މަރުޙޫމް ޢަބްދުއްޝަކޫރު ވަނީ ދިވެހި ފުލުހުންގެ މުއައްސަސާގައި 43 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔާގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ކޮމެންޓު ފޮނުވާ