މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެބެއިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މއ. މަޒާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އައިޝް އަޙްމަދާއި، އޭނާގެ ކޮއްކޮ އުމުރުން 25 އަހަރުގެ އާމިނަތު ޢިއްލިއްޔީން އަޙްމަދެވެ. ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު 1246 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ހިމެނެއެވެ.
މި މައްސަލައިގައި ދައުލަތުން މި ދެބެއިންގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނު އޮންނަ ގޮތުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއްގެ ބަރުދަނުގައި ހަތަރު ގްރާމަށްވުރެ އިތުރުވާނަމަ އެއީ ޓްރެފިކްކުރުން ކަމުގައި ބެލެވެއެވެ. އަދި ކެނެބިސްގެ ބަރުދަނުގައި 14 ގްރާމަށްވުރެ އިތުރުވެއްޖެނަމަވެސް އެއީ ޓްރެފިކް ކުރުމުގެ ކުށަށް ބަދަލުވާނެއެވެ. ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަމިއްލަ ބޭނުމަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ އަދަބަކީ ތިން އަހަރަށް ޖަލަށްލުމެވެ.
ނަމަވެސް، ކުށް ސާބިތުވާ މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްނަމަ، އަދަބު ދިނުމުގެ ބަދަލުގައި އެމީހުން އަލުން މުޖުތަމަޢަށް ނެރުމަށްޓަކައި ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުސަތު ގާނޫނުގެ ދަށުން ލިބިދެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިނަމަ، ޖަލު އަދަބު ތަންފީޒުކުރާކަށް ނުޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ