މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް 90 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެދާނެ: ޒަމީރު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް 90 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެދާނެ: ޒަމީރު

Author
ހުސައިން
22 މާރޗް 2026 08:30
0

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ މަސް ދުވަހަށް ދެމިގެން ހިނގައްޖެނަމަ، ދިވެހިރާއްޖެއަށް 85 މިލިއަނާއި 90 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އީރާނަށް ހަމަލާތައް ދެމުންދާއިރު، ރައްދުގައި އީރާނުން އަންނަނީ އަރަބި ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރަމުންނެވެ. މި ނުރައްކާތެރި ހާލަތާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަތުމަށްޓަކައި، ހަނގުރާމަ ފެށުނު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ.

މި ކޮމިޓީގެ ފަރާތުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމަށެވެ. އެހެންނަމަވެސް، އާމްދަނީ ދަށަށް ދިޔަ ކަމުގައިވިޔަސް ރައްޔިތުންނާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކުން ޚަރަދު ކުޑަނުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. ޚާއްސަ ގޮތެއްގައި ސިއްހީ ދާއިރާއަށް ކުރާ ހޭދަ ކުޑަނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސްގެ އިރުޝާދުގެ ދަށުން ބޯހިޔާވަހިކަމާއި ސިއްހީ ޚިދުމަތްތަކަށް ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، މިފަދަ މުހިންމު ކަންކަމަށް ފައިސާ ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމުގެ ގޮތުން ބައެއް މަޝްރޫޢުތަކުގެ ތާވަލަށް ބަދަލު ގެންނަން ޖެހިދާނެކަމަށެވެ. މީގެ ކުރިން މި މަހުގެ 12 ވަނަ ދުވަހުވެސް ކޮމިޓީން ވަނީ ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރުތައް ދިރާސާކުރަމުންދާކަން ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.