މާލޭ ސިޓީގެ ފުރަތަމަ މޭޔަރުކަން ކުރެއްވި ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލްގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާކަން މިއަދު އިއުލާންކުރައްވައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާދަމް މަނިކު ވިދާޅުވީ، މޫސާ އަލީ ޖަލީލަކީ އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވުމުން، އޭނާގެ ކިބައިގައި ފުރިހަމަ އަދަބުވެރިކަމާއި ސުލޫކު ހުންނާނެ ކަމަށެވެ. އަދި ކަނޑައެޅޭ އަމާޒަކަށް ވާސިލުވުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުންނާނެކަމުގެ ޔަގީންކަން އޮތް ކަމަށާއި، މިއަދާ ހަމައަށްވެސް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް އޭނާއަށް ކުރެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓަކަށް ވުމަކީ މާލެއަށް ބޭނުންވާ ތަރައްގީ ގެނައުމަށް އޮތް ވަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ގޯސްކޮށް ކަމެއް ކުރެއްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިހާރު ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއި ބޮޑެތި ދަރަނިތަކަކީ މި ސަރުކާރުން އުފެއްދި މައްސަލަތަކެއް ނޫން ކަމަށާއި، އެއީ އެހެން ފަރާތްތަކުން އުފައްދާފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑް-19 ގެ ދުވަސްވަރު ލިބުނު ފައިސާއަށް ވީގޮތް ނޭނގޭއިރު، ރައީސް މުއިއްޒުގެ މައްޗަށް އެފަދަ އެއްވެސް ތުހުމަތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމާ އަޅާކިޔުއްވަމުން އާދަމް މަނިކު ވިދާޅުވީ، އެ ސަރުކާރުގައި މަގުމަތި އަމާންވި ނަމަވެސް ރައްޔިތުންގެ ޖީބު އަމާން ނޫން ކަމަށެވެ. ނަމަވެސް މިހާރުގެ ވެރިކަމާމެދު ހިތްހަމަނުޖެހިގެން މަގުމައްޗަށް ނުކުންނަންޖެހޭ ފަދަ ހާލަތަކަށް ގައުމުގެ ކަންކަން ގޮސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ