ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަސް، ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަސް، ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް

Author
ޙަސަން މުޙައްމަދު
22 މާރޗް 2026 10:14
0

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ތާވަލާ އެއްގޮތަށް ލިބެމުންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަމުން ދަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ ވެފައިވާ "ނޮމިނޭޝަން" އެއްބަސްވުމުގެ ދަށުން ކަމަށެވެ. އަދި ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް މިދިޔަ ހަފުތާގައި ތެލުގެ އާ ދެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށާއި، ކުރިއަށް ހުރި ޝިޕްމަންޓުތައް ވެސް އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ތެޔޮ ރިޒާވްގައި ހުރިކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެ ކުންފުނިން ބުނާގޮތުގައި، ތެޔޮ އެތެރެކުރާ އެހެން ފަރާތްތަކާ ގުޅިގެން ތެލުގެ ސަޕްލައި މެނޭޖުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިވަގުތު ރާއްޖެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެފައެއް ނުވެއެވެ.

އެސްޓީއޯއިން މިވަގުތު އާންމުންނަށް ތެޔޮ ވިއްކަމުންދާ އަގުތަކަށް ބަލާއިރު، ޕެޓްރޯލް ލިޓަރެއް ވިއްކަމުން ދަނީ 16.01 ރުފިޔާއަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.