ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަޅާ 3،260 ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އަދި އާމްދަނީގެ ގޮތުގައި 60،000 ރުފިޔާއަށްވުރެ މަދުން ލިބޭ އާއިލާތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ހުޅުމާލެ 2 ގައި ޗައިނާގެ ސީއެމްއީސީ ކުންފުނިން އިމާރާތްކުރާ 1،224 ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ނިކަމެތި އަދި ދަތި ހާލުގައި ދިރިއުޅޭ ކޮންމެ އާއިލާއަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެގޮތުން "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް މި ފްލެޓުތައް ދޫކުރުމުގައި ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯޝަލް ހައުސިންގެ ގޮތުގައި ތަރައްގީކުރާ ތިން ކޮޓަރީގެ މި ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ "ރެންޓް ޓު އޯން" މޮޑެލްގެ ދަށުންނެވެ. އެއީ ކުލި ދައްކަމުން ގޮސް ވަކި މުއްދަތެއްގެ ތެރޭގައި އެތަނެއް އަމިއްލަ ކުރެވޭނެ ފަސޭހަ ނިޒާމެކެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭންކުތަކާއި މާލީ އިދާރާތަކުން ސަރުކާރާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ފައިދާހުރި މިފަދަ މަޝްރޫއުތައް ހިންގުމަށްޓަކައި ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނަށް ބޭނުންވާ ލުއިފަސޭހަތަކާއި އެހީތެރިކަން ފޯރުކޮށްދީގެން ގުޅިގެން މަސައްކަތްކުރަން ސަރުކާރު އޮތީ ތައްޔާރަށްކަން މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ. ބީއެމްއެލް މެދުވެރިކޮށް ކުރިއަށްގެންދާ މި އަގުހެޔޮ ބޯހިޔާވަހިކަމުގެ ފްލެޓުތައް އެއްކޮށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ކޮމެންޓު ފޮނުވާ