ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ 1224 ފްލެޓްގެ ބިންގާ އަޅައިފި

ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ 1224 ފްލެޓްގެ ބިންގާ އަޅައިފި

Author
ޙަސަން މުޙައްމަދު
22 މާރޗް 2026 01:57
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ ކަމަށްވާ ޗައިނާ މެޝީނަރީ އިންޖިނޭރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ގެ ހުޅުމާލެ ފޭސް 2 ސައިޓުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި މަޝްރޫޢުގެ ބިންގާ އަމަލީގޮތުން އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާގެ އިތުރުން ބީއެމްއެލް އަދި ސީއެމްއީސީގެ އިސް ބޭފުޅުންނެވެ.

"ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ކުއްޔަށް ހިފުމަށްފަހު ފަހުން މިލްކުކުރެވޭ "ލީސް-ޓު-އޯން" މޮޑެލްއަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ 1، ހުޅުމާލެ 2 އަދި ވިލިމާލޭގައި ޖުމްލަ 3260 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިޢުލާންކުރެއްވި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ސިޔާސަތުގެ އަމާޒަކީ އަތްމަތި ތަނަވަސް ފަރާތްތަކަށާއި، މެދުފަންތީގެ އާއިލާތަކަށް ބޭންކް މޯގޭޖް މެދުވެރިކޮށް ގެދޮރު ގަތުމުގެ މަގުފަހިކޮށްދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ އާއިލާތަކަށް ސޯޝަލް ހައުސިންގ ފޯރުކޮށްދިނުމެވެ. މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގައި ރާއްޖޭގެ ބޭންކިންގ ދާއިރާގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.