ބާކީކުރުމެއްނެތި އެންމެން ޝާމިލުވާ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމަޢެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވަނީ، އިންސާނުންގެ މެދުގައި ހުންނަ ތަފާތުތަކަކީ ބަލިކަށިކަމެއް ނޫންކަމަށާއި، އެއީ ދުނިޔެ އިތުރަށް ފުރިހަމަކޮށްދޭ ސިފައެއްކަން ފާހަގަކުރައްވާފައެވެ. ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން އެކަހެރިކަމާއި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެ ފަރާތްތަކުގެ ކިބައިން ފެންނަނީ ނުހަނު ލޯތްބާއި އޯގާތެރިކަމުގެ އިތުރުން ކެތްތެރިކަން ކަމުގައި ވިދާޅުވިއެވެ.
އެހެންކަމުން، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، ބައިވެރިވުމުގެ ފުރުޞަތު އޮތް މީހަކަށް ހެދުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. އަދި ކޮންމެ ކަމެއްގައިވެސް ޑައުން ސިންޑްރޯމް ހުންނަ ކުދިން ބައިވެރިކުރުމަކީ އިޚްތިޔާރީ ކަމެއް ނޫންކަމަށާއި، އެއީ އެ ފަރާތްތަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ފަސްޓް ލޭޑީގެ މެސެޖުގައި އަންގަވާފައިވެއެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 21 ވަނަ ދުވަސް އދ. އިން ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެފަދަ ފަރާތްތަކުގެ ހަށިގަނޑުގައި 21 ވަނަ ކްރޮމޯޒޯމްގެ 3 ކޮޕީ ހުންނާތީއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ބަޔަކު ތަފާތު ދެ ކުލައިގެ އިސްޓާކީނަށް އަރަނީ، ކްރޮމޯޒޯމްގެ ބައްޓަން އިސްޓާކީނަކާ ވައްތަރުވުމުންނާއި، އަޅުގަނޑުމެން ކިތަންމެ ތަފާތުވި ނަމަވެސް އެންމެންނަކީވެސް ހަމަހަމަ ބައެއްކަން ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ