ފިތުރު އީދާ ގުޅިގެން މާލެ ސަރަހައްދުގައި ފެށި "އީދު ހަވީރު" އަށް ކުޑަކުދިންނާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާނެއެވެ. މި ހަވީރު އޮންނާނީ މާލޭގެ ޖުމްހޫރީ މައިދާނާއި، ވިލިމާލެ ބޯޅަދަނޑުގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގެ ސެންޓްރަލް ޕާކާއި ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައެވެ.

ގިނަ އަދަދެއްގެ އާއިލާތަކުން ބައިވެރިވި މި އުފާވެރި ހަވީރުގައި އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ބޮޑެތި 11 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ. މި ފަރާތްތަކުން ވަނީ ކުޑަކުދިން ގަޔާވާނެ ފަދަ މަޖާ ކެރެކްޓާތަކާއި، ސަގާފީ ހަރަކާތްތަކުގެ އިތުރުން ތަފާތު ކުޅިވަރުތަކަށް ޚާއްސަ ސްޓޯލްތައް ގާއިމުކޮށްފައެވެ. މިއީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށްވެސް އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު ރަނގަޅު ފުރުސަތެކެވެ.

މި ހަވީރުގައި އެންމެ ބޮޑަށް އާންމުންގެ ސަމާލުކަން ދަމައިގަތީ ސިފައިންނާއި ފުލުހުން ބޭނުންކުރާ ހަތިޔާރާއި އޮޕަރޭޝަނަލް އުޅަނދުތައް ދައްކާލުމަށް ބަހައްޓާފައި ހުރި ސްޓޯލްތަކަށެވެ. މީގެ އިތުރުން ސިފައިންގެ ރެޕަލިން ޓަވަރާއި، ފޯމް ޕޫލާއި، ޔޫއޭވީ ސިމިއުލޭޝަން ފަދަ ހަރަކާތްތައް ތަޖުރިބާކޮށްލައި، އެތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. ކޮންމެ އަހަރަކުވެސް ބާއްވާ މިފަދަ ހަރަކާތްތަކަކީ އާއިލާތަކަށް އެކީގައި އީދުގެ އުފާ ފާޅުކުރުމަށް ލިބޭ ވަރަށް ހިތްގައިމު ފުރުސަތެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ