1447 ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު އީދުގެ މުނާސަބަތުގައި، އިސްލާމީ އުންމަތަށާއި ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިސްލާމީ ގައުމުތަކާއި ޖަމިއްޔާތަކުގެ އިސްވެރިންނަށް ރައީސް ފޮނުއްވި މެސެޖުތަކުގައި، މިއީ އާއިލީ ގުޅުންތަކާއި އަވަށްޓެރިކަން ބަދަހިކޮށް، އީމާންކަން ތާޒާކުރުމަށް ލިބޭ އުފާވެރި ފުރުސަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ މުޅި މުސްލިމު މުޖުތަމައުގެ އަޚުވަންތަކަމުގެ ރޫޙު އިތުރަށް ވަރުގަދަވެ، މާތްﷲގެ ރަޙުމަތުން ފުރިގެންވާ އީދަކަށް ވުމަށް އެމަނިކުފާނު އުއްމީދުކުރައްވައެވެ.
އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދެއްވި ޚިޠާބުގައި ރައީސް ވަނީ، އީދުގެ އުފާފާޅުކުރުންތައް ރާވައި ހިންގާއިރު އިސްލާމްދީނުގެ މިންގަނޑުތަކާއި އިންތަކުން ބޭރުނުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ދެދުނިޔޭގެ ކާމިޔާބު ލިބެނިވި މާތް ސިފަތަކަށްކަން ހަނދާންކޮށްދެއްވަމުން، އުފާފާޅުކުރުމުގައިވެސް ދީނީ ހަމަތަކަށް ފަރުވާތެރިވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރަމަޟާން މަހަކީ އިންސާނާގެ ނަފްސާއި ގުނަވަންތަކަށް، ހާއްސަކޮށް ހެޔޮ ބަސްތައް ބުނުމަށް ދެވުނު ވަރަށް ފުރިހަމަ ތަމްރީނެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ބައިބައިވުންތައް ދޫކޮށްލައި އެއްބައިވަންތަ ބޮޑު ޖަމާއަތެއްގެ ގޮތުގައި ދެމިތިބުމަށާއި، ކޮންމެ ހާލަތެއްގައިވެސް ކެތްތެރިވުމަށް ރޯދައިގެ މަދަރުސާއިން ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ސާބިތުވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
މީގެ އިތުރުން، އީދާ ގުޅިގެން އަންނަ ޝައްވާލު މަހުގެ ހަ ރޯދައަކީ، ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް ހެޔޮ އަމަލުތަކާއި އަޅުކަންމަތީ ދެމިތިބުމަށް އިސްލާމްދީން ދޭ ވަރަށް ފުރިހަމަ ދައުވަތެއްކަންވެސް ރައީސްގެ ޚިޠާބުގައި ބަޔާންކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ ރޯދަމަސް ނިމުމަކީ އަޅުކަމުގެ ދުވަސްތައް ނިމުން ނޫން ކަމަށާއި، އެއީ އަލުން ފަށައިގެން ހެޔޮމަގުގައި ކުރިއަށް ދިއުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ