އިންތިޚާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަންނަ މަހު ބާއްވާ އިންތިޚާބުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ފުލޫނިޔާމަގުގައި ހުންނަ މ. ކައިރުގޭގެ "ޕްރައިމް ގޯޑައުން" ގައި ރޭ ރޯވި އަލިފާނުގެ ސަބަބުން އެތަން ވަނީ އެއްކޮށް އަނދާފައެވެ. ގަސްކާނާއާއި ކެމިކަލް ރައްކާކޮށްފައި ހުރި މި ގުދަނަކީ އީސީގެ އިންތިޚާބީ މަރުކަޒާ އިންވެގެން ހުންނަ އިމާރާތެކެވެ. މި ހާދިސާ ހިނގާފައިމިވަނީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށްލުމާމެދު ގޮތެއް ނިންމުމަށް ނަގާ ރިފަރެންޑަމްގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
އީސީގެ ރައީސް މުޙައްމަދު ޒާހިދު ވަނީ މި ހާދިސާގެ ސަބަބުން އިންތިޚާބުތައް ބާއްވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްކާތެރިކަން ކަށަވަރުކޮށް އިންތިޚާބީ މަރުކަޒަށް އަލުން ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެންދެން، ކޮމިޝަނުގެ ހުރިހާ އޮޕަރޭޝަނެއް ވަގުތީގޮތުން ވަނީ ސޯޝަލް ސެންޓަރަށް ބަދަލުކުރެވިފައެވެ.
އިންތިޚާބުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ ކަންކަންވެސް ނުހުއްޓި ކުރިއަށްދާނެކަން ފާހަގަކުރައްވައި ޒާހިދު ވިދާޅުވީ، އެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް މިއަދުން ފެށިގެން ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ