އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ނޭފަތުގެ އޮޕަރޭޝަނަކަށްފަހު ގޭބަންދަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް އަލުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި، އިއްޔެ ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކުރީ އޮޕަރޭޝަނަށްފަހު ހިރަފުހުން ރައްކާތެރިވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތީ، އޮންނަ ގަވާއިދުގެ ތެރެއިންނެވެ. ނަމަވެސް، ޖަލުގައި ހުރެގެންވެސް އެ ފަރުވާ ދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވުމާއެކު، މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އަލުން ޖަލަށް ބަދަލުކޮށްފައެވެ.
ބައްސާމް ގޭބަންދަށް ބަދަލުކުރުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް އޭނާ އަލުން ޖަލަށް ގެންދިޔައިރު، އޭނާ ދަނީ 32 އަހަރުގެ ދިގު ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ، ފީފާއިން އެފްއޭއެމްއަށް ދިން 1.2 މިލިއަން ޑޮލަރާއި އިތުރު 10،000 ޑޮލަރަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑަރކުރިކަމުގެ ހަތަރު ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.
މި މައްސަލަތަކުގެ ތެރެއިން ފުރަތަމަ ދައުވާގައި އޭނާގެ މައްޗަށް ހުކުމް އިއްވީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި މިހާރު އެ ހުކުމްތައް ވަނީ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ