ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ކެންޑިޑޭޓުންނަށް ހުޅުވާލަނީ

ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ކެންޑިޑޭޓުންނަށް ހުޅުވާލަނީ

Author
ޙަސަން މުޙައްމަދު
15 މާރޗް 2026 02:39
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފިއެވެ.

އީސީން ބުނެފައިވާ ގޮތުގައި، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންނަށް ނުވަތަ އެ މީހުން ކަނޑައަޅާ ފަރާތްތަކަށް ސޮއިކުރެވޭނީ މާރިޗު 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްރީލް 4 ގައި ނަގަން ހަމަޖެހިފައިވަނީ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެކެވެ.

ލިސްޓުގައި ސޮއިކުރުން ކުރިއަށްދާނީ އިންތިޚާބާބެހޭ މަރުކަޒުގައެވެ. ސޮއިކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 9:30 އިން 12:00 އަށެވެ. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަންދާނަމަ، އެކަން އަންގައިދޭ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް އަދި ބަދަލުގައިދާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންދަންޖެހޭނެކަމަށް އީސީން ވަނީ އަންގާފައެވެ. މި ސިޓީގައި ބަދަލުގައިދާ މީހާގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމަނަންޖެހޭނެއެވެ.

މި އިންތިޚާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.