އީރާނުގެ ތެލާއި އިޤްތިޞާދީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައިވާ އެމެރިކާއާ ގުޅުންހުރި ހުރިހާ އުމުރާނީ ވަސީލަތްތަކެއް ފުނޑުފުނޑުކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން ގުޅިގެން ހިންގާ 'ޚާތަމް އަލް-އަންބިޔާ' މަރުކަޒުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ރައްދުގައި ހަމަލާދޭނެ ތަންތަނުގެ ތެރޭގައި ހަމައެކަނި އެމެރިކާގެ ސީދާ މިލްކިއްޔާތުތަކުގެ ބަދަލުގައި، ގަލްފު ސަރަޙައްދުގައި ހަރަކާތްތެރިވާ ހުޅަނގުގެ ބޮޑެތި ތެޔޮ ކުންފުނިތަކާއި، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ޓާމިނަލްތައް ވެސް ހިމެނޭނެއެވެ. އެ މަރުކަޒުގެ ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ ވިދާޅުވީ، އެފަދަ ހާލަތެއްގައި އެ ތަންތަން ވަގުތުން ސުންނާފަތިކޮށް، އަޅިފުންޏަކަށް ބަދަލުކޮށްލާނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ވަނީ، އެމެރިކާއިން އީރާނުގެ ކަރަންޓު ވިއުގައަށް ގެއްލުމެއް ދީފިނަމަ، ބަދަލުހިފުމުގެ ގޮތުން ބައިގަޑިއިރު ތެރޭގައި މުޅި ސަރަޙައްދު އަނދިރިކޮށްލާނެ ކަމުގެ ބިރުވެރި އިންޒާރު ދެއްވާފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި އީރާނުގެ މި ހަރުކަށި ބަހުރުވައަކީ، ރަޝިޔާގެ ތެޔޮ ވިއްކުމަށް އެމެރިކާއިން ދިން ވަގުތީ ލުއިތަކާއި، އީރާނުގެ ތެޔޮ ބޭރުކުރުން މުޅިން ހުއްޓުވައި ދުނިޔޭގެ ބާޒާރު ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ދިން ރައްދެކެވެ. އީރާނުގެ މި އިންޒާރު އައިސްފައިމިވަނީ، ޚާރްޖު އައިލެންޑުގެ ވައިގެ ދިފާޢީ ނިޒާމުތައް އެމެރިކާއިން ހަލާކުކޮށްލާފައިވާކަން ރައީސް ޓްރަމްޕް ދާދިފަހުން އާންމުކުރެއްވި ވީޑިއޯއަކުން ހާމަކުރައްވާފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ. މި އައު އިންޒާރާއެކު، މެދުއިރުމަތީގެ އަސްކަރީ ކުރިމަތިލުންތައް ގޯސްވެ، މުޅި ސަރަޙައްދުގެ ހަކަތައިގެ ނިޒާމު އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމުގެ ބިރު މިވަނީ ވަރަށް ބޮޑަށް އުފެދިފައެވެ.
ކޮމެންޓު ފޮނުވާ