ރާއްޖެ ހިމެނޭހެން 13 ގައުމަކުން ސްކޭމްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި

ރާއްޖެ ހިމެނޭހެން 13 ގައުމަކުން ސްކޭމްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި

Author
ޙަސަން މުޙައްމަދު
11 މާރޗް 2026 07:21
0

ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތައް ހުއްޓުވުމަށްޓަކައި ދިވެހިރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 13 ގައުމެއް ގުޅިގެން "އޮޕަރޭޝަން ފްރޮންޓިއަރ+ III" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ މި އޮޕަރޭޝަން ކުރިއަށްދާނީ މި މަހުގެ 10 އިން ފެށިގެން މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ފްރޮންޓިއަރ+ އެލަޔަންސްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ. މިއީ ބޯޑަރު ހުރަސްކޮށް ހިންގާ މާލީ ކުށްތަކާއި ސްކޭމްތައް ހުއްޓުވުމަށް އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގާ ބައިނަލްއަގުވާމީ ތިންވަނަ ބޮޑު ހަރަކާތެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ވަގުތުން ވަގުތަށް މައުލޫމާތު ބަދަލުކޮށް، ސްކޭމް ނެޓްވޯކްތައް ނައްތާލުމެވެ. އަދި ޝައްކުކުރެވޭ އެކައުންޓުތައް ދެނެގަނެ ފައިސާގެ މުއާމަލާތްތައް ހުއްޓުވުމާއި، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުން މީގެ ތެރޭގައި ހިމެނެއެވެ. މި ހަރަކާތުގެ ތެރެއިން އިންވެސްޓްމަންޓް، ރޮމޭންސް، އީ-ކޮމާސް، ވަޒީފާ، ލޯނު އަދި ފިޝިންގ ފަދަ ސްކޭމްތަކުގެ އިތުރުން ސަރުކާރު އިދާރާތަކުގެ ނަމުގައި ހިންގާ ޖަރީމާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް ދެ މަސްދުވަހަށް ދެމިގެންދާ މި އޮޕަރޭޝަންގެ ނަތީޖާ މެއި 13 ގައި ހުށަހަޅާނެއެވެ. އަދި އޮޕަރޭޝަންގެ ކާމިޔާބީތަކާއި، ހައްޔަރުކުރެވުނު މީހުންނާއި ހިފެހެއްޓުނު ފައިސާގެ ތަފްސީލްތައް މުޅި ދުނިޔެއަށް ހާމަކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް މެއި 20 ވަނަ ދުވަހު އޮންނާނީ ރާއްޖޭގައެވެ. ފުލުހުން ފާހަގަކުރާ ގޮތުގައި މިދިޔަ އަހަރުގެ އޮޕަރޭޝަނުގައިވެސް ރާއްޖެއިން ގެއްލުނު ފައިސާ ހޯދުމުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އަދި މި އަހަރުގެ އޮޕަރޭޝަނާއެކު އެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.