މިދިޔަ ޖަނަވަރީ މަހާ އަޅައިބަލާއިރު، ފެބްރުއަރީ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތައް ފާހަގަކުރެވޭ މިންވަރަކަށް ދަށްވެއްޖެކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ފެބްރުއަރީ މަހު އެކި ބާވަތުގެ ޖުމްލަ 948 މައްސަލަ އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެކްސިޑެންޓުގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ 250 މައްސަލައެވެ. މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 54 މައްސަލައިގެ ދަށްވުމެކެވެ. ހަމައެއާއެކު، ޖަނަވަރީ މަހު އެންމެ ގިނައިން ރިޕޯޓުކުރި ވައްކަމުގެ މައްސަލަތައް ވެސް ވަނީ 310 އިން 247 އަށް ފެބްރުއަރީ މަހު މަދުވެފައެވެ.
އެހެނިހެން ކުށްތަކަށް ބަލާއިރު، މަސްތުވާތަކެއްޗާ ގުޅޭ 169 މައްސަލައަކާއި، ތަކެތި ގެއްލިގެން 80 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މާރާމާރީގެ 64 މައްސަލައެއްގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ 52 މައްސަލައެއް ވެސް ފެބްރުއަރީ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
ފެބްރުއަރީ މަހު އެކްސިޑެންޓުތައް މަދުވި ނަމަވެސް، މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުގައި އެކަނިވެސް 90 އެކްސިޑެންޓު ހިނގާފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އެހެންކަމުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުވެލި މަޑުކޮށް، ވަށައިގެންވާ މާހައުލަށް ސަމާލުވެގެން އުޅަނދު ދުއްވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ