ރޯދަމަހުގެ ފަހު ދިހައެއްގައި އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި "އަބްރާރު ގްރޫޕް" ގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، ގްރޫޕަކުން ފައިސާ ނެގުމަށްފަހު އުމްރާ ދަތުރު ކެންސަލްކުރި މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. މި މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުން ކަމެއް ނުވަތަ އިސްލާމިކް މިނިސްޓްރީން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު އަންނަނީ ބަލަމުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އަބްރާރު ގްރޫޕުން 110 މީހެއްގެ ދަތުރު ކެންސަލްކޮށްފައިވަނީ މަގުބޫލު އުޒުރެއް ނެތި ކަމަށެވެ. އެހެންކަމުން އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ސަސްޕެންޑްކޮށް، އުސޫލުގެ ތެރެއިން އިތުރު ފިޔަވަޅުތައް އަޅާނެކަމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
އަބްރާރު ގްރޫޕުން ކޮންމެ މީހެއްގެ އަތުން 45،000 ރުފިޔާ ނަގާފައިވާއިރު، ފުރަން އޮތް ދުވަހުގެ މެންދުރެއްހާއިރު ދަތުރު ކެންސަލްކުރީ މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ކަމަށް ބުނެއެވެ. އެހެންނަމަވެސް ފައިސާ ދެއްކި ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވިސާ އާއި ހޮޓަލަށް އެ ގްރޫޕުން އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެއެވެ. މައްސަލަ ހޫނުވުމާއެކު، އެ ގްރޫޕުން ބުނެފައިވަނީ ޓިކެޓާއި ހޮޓެލް ބުކިން ހަދާފައިވާ ކަމަށާއި، މިހާރު ޓިކެޓުގެ ފައިސާ އުނިކުރުމަށްފަހު ބާކީ ފައިސާ ރިފަންޑުކުރަން ފަށާފައިވާ ކަމަށެވެ.
މި މައްސަލައިގައި އުމްރާއަށް ނުފުރި މާޔޫސްވެފައި ތިބި މީހުންގެ ތެރެއިން 164 މީހަކު، އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަން ގުޅިގެން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ރޭ ވަނީ މައްކާއަށް ފުރުވާލާފައެވެ. އަދި އެމީހުން މައްކާގައި ތިބުމުގެ ހުރިހާ އިންތިޒާމެއްވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
ކޮމެންޓު ފޮނުވާ