ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ޕީއެންސީ އަންހެނުންގެ ވިންގުން ދިވެހި ހުރިހާ އަންހެނުންނަށާއި އަންހެން ކުދިންނަށް ތަހުނިޔާ ކިޔައި، ދިވެހި އަންހެނުން ބާރުވެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅު ފާހަގަކޮށްފިއެވެ.
"ޖަސްޓިސް ފޯ އޯލް ވިމެން އެންޑް ގާލްސް" ޝިއާރުގެ ދަށުން ފާހަގަކުރެވޭ މިއަހަރުގެ ދުވަހާ ގުޅިގެން ވިންގުން ނެރުނު ބަޔާނެއްގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ދިވެހި އަންހެނުން ބާރުވެރިކޮށް، ގެވެށި މާހައުލުން ފެށިގެން ދައުލަތުގެ ހިދުމަތްތެރިންނާ ހަމައަށް ތަނަވަސް ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
ވިޔަފާރީގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ އަންހެނުންނަށް ހާއްސަ ލޯނު ސްކީމްތަކުގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން އަލަށް ވިޔަފާރިއަށް ނެރެ، ކުރިންސުރެ ވިޔަފާރިކުރަމުން ދިޔަ ފަރާތްތަކަށް ވިޔަފާރި ފުޅާކުރުމަށް ވެސް ހިތްވަރުދީ ފައިވާ ކަމަށް ވިންގުން ފާހަގަކޮށްފައިވެ އެވެ. ރަށު ފެންވަރުގައި ބަލާއިރު، ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސް ހޮވުން ރައްޔިތުންގެ ވޯޓަށް ހުޅުވާލި ނިންމުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ވިންގުން ވަނީ ފާހަގަ ކޮށްފަ އެވެ. ހަމައެހެންމެ ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތް ހަމަޖެހި، ކައުންސިލް ބަޖެޓުން ކޮމިޓީތަކަށް ދޭ ފައިސާ ވެސް ވަނީ އިތުރު ކޮށްދެވިފަ އެވެ.
ސިޔާސީ ދާއިރާ އަށް ބަލާއިރު، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް އިތުރުވެފައިވާ ކަން ފާހަގަ ކޮށް، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ހުރިހާ ޕާޓީތަކަށް ވުރެ ގިނަ އަންހެން ކެނޑިޑޭޓުން ވާދަކުރަނީ ޕީއެންސީ ޓިކެޓުގައި ކަމަށް ވިންގުން ވަނީ ފާހަގަ ކޮށްފަ އެވެ.
ވިންގުން ވަނީ އަންހެނުންގެ ދުވަސް ރަސްމީކޮށް އިހްތިފާލުކުރުމަށް ހާއްސަ ހަރަކާތެއް ރަމަޒާން މަހަށްފަހު ބޭއްވުމަށް ތައްޔާރުވަމުންދާ ކަން ވެސް ހާމަ ކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ