އީރާނުގެ އާ ރޫހާނީ ލީޑަރަކު ކަނޑައަޅައިފި، ކޮން ބޭފުޅެއްކަން އަދި އޮތީ ސިއްރު ކޮށްފަ

އީރާނުގެ އާ ރޫހާނީ ލީޑަރަކު ކަނޑައަޅައިފި، ކޮން ބޭފުޅެއްކަން އަދި އޮތީ ސިއްރު ކޮށްފަ

Author
ޙަސަން މުޙައްމަދު
08 މާރޗް 2026 06:06
0

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ވަރުގަދަ ހަމަލާއެއްގައި އީރާނުގެ އެންމެ ފަހުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުގެ އާ ރޫހާނީ ލީޑަރަކު މިހާރު ކަނޑައަޅާފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ތެހެރާނުގައި ހުންނަ ޚާމަނާއީގެ ގަނޑުވަރަށް އަމާޒުކޮށް ދިން މި ހަމަލާގައި އެތަން އެއްކޮށް ވަނީ ސުންނާފަތިކޮށްލާފައެވެ. ފުރަތަމަ އީރާނުން ޚާމަނާއީ އެތާނގައި ނޫޅުއްވާ ކަމަށް ބުނި ނަމަވެސް، ފަހުން ވަނީ އެމަނިކުފާނު އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މިއާއެކު މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ އީރާނުގެ ދެން އަންނަ ލީޑަރަކީ ކާކުތޯ ބެލުމަށެވެ. ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ގައުމު ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި، ޖުޑިޝަރީގެ ވެރިޔާ ގުލާމް ހުސައިން މުހްސެނީ އެޖެއިގެ އިތުރުން ބަސީޖްގެ ވެރިޔާ އަލީރޭޒާ އަރަފީ ހިމެނިވަޑައިގަންނަވާ ތިން މެމްބަރުންގެ ކައުންސިލަކާއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، 88 އިސްލާމީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "ތަޖުރިބާކާރުންގެ މަޖިލީސް" އިން މިހާރު ވަނީ އާ ލީޑަރަކު ހޮއްވަވާފައެވެ. އަދި ވަރަށް އަވަހަށް އެ ނަން އިއުލާން ކުރާނެ ކަމަށް އީރާނުގެ އިސް އޮފިޝަލުން ކަމަށްވާ ސައްޔިދު އަހުމަދު އާލަމް އަލްހޯދާ އަދި އާޔަތުﷲ މުހްސެން ހައިދާރީ ވަނީ ވިދާޅުވެފައެވެ. އާޔަތުﷲ މުހްސެން ހައިދާރީ ވިދާޅުވި ގޮތުގައި އާ ލީޑަރަކު ކަނޑައަޅާފައިވަނީ ކުރީގެ ލީޑަރު ދެއްވި ނަސޭހަތްޕުޅާ އެއްގޮތަށް، ދުޝްމަނުންގެ ނަފްރަތު އެންމެ ބޮޑަށް އަމާޒުވާނެ ފަދަ ބޭފުޅަކަށެވެ.

އާ ލީޑަރަކަށް ވެވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޚާމަނާއީގެ ދަރިކަލުން، އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މުޖުތަބާއަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުސްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަން ފާހަގަކުރައްވައި، އާ ލީޑަރަކަށް ވާނީ އޭނާ ކަމަށް ލަފާކުރައްވާފައެވެ. މީގެ އިތުރުން، އީރާނުގެ އާ ލީޑަރެއް ހޮވުމުގައި އެމެރިކާގެ ބައިވެރިވުން ވެސް އޮންނަން ޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.