ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ އާންމު ވޯޓުގެ ހަގީގީ މަގުސަދު އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތުހުމަތުކޮށްފިއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު، ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ވޯޓުގައި، ޕީއެންސީން ތާއީދުކުރަނީ ދެ އިންތިޚާބު އެއްކޮށްލުމަށެވެ. މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކުންނާއި ލީޑަރުންވެސް އިއްތިފާގުވެފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، މިހާރު އިދިކޮޅު ފަރާތްތަކުން މިކަމާ ދެކޮޅަށް ވާހަކަދައްކަނީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ބަދަލަކީ ރިޔާސީ ދައުރު ދަންމާލުމަށް ސަރުކާރުން ރާވައިގެން ކުރާ ކަމެކެވެ. މި ވާހަކަތައް ދޮގުކުރައްވައި ފަލާޙް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމާއި ދައުރު ދަންމާލުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އިންތިޚާބުތައް މަދުކުރުމުން ރައްޔިތުންގެ ބަސް އިއްވުމަށް ލިބޭ ފުރުސަތު ކުޑަވާކަމަށް ބުނާ ވާހަކައަކީވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފަލާޙް ވިދާޅުވި ގޮތުގައި ރިޔާސީ ދައުރުގެ މެދުތެރެއިން ލޯކަލް ކައުންސިލް އިންތިޚާބު އޮންނާތީ، ސަރުކާރާމެދު ރައްޔިތުންގެ ޚިޔާލު ހުރިގޮތް އެ އިންތިޚާބުން ސާފުވެގެންދާނެއެވެ.
ދެ އިންތިޚާބު އެއްކޮށްލުމަށް ފެނޭތޯ ބެލުމަށް ނަގާ މި ވޯޓަކީ ޤާނޫނު އަސާސީއަށް ގެންނަ އަށްވަނަ އިސްލާހާ ގުޅޭގޮތުން ނަގާ ވޯޓެކެވެ. ޕީއެންސީން ގަބޫލުކުރާ ގޮތުގައި މި ބަދަލަކީ ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް، އަދި ޤައުމަށް ފައިދާހުރި ބަދަލެކެވެ.
ކޮމެންޓު ފޮނުވާ